އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. މިބިލު ބަލައިގަތުމަށް ފެންނަކަމަށް 41 މެންބަރުން އަދި ނުފެންނަކަމަށް 21 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 2 ރިޕޯޓްގެ ބަހުސް ނިންމަވާލައްވާފައިވެއެވެ. އެއީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، އެންޓި- ކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު ފޮނުވާނެ ކޮމިޓީއަކާއި މެދު ޚިޔާލު ތަފާތުން އުފެދި ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަ ނެންގެވުމުން ރިޔާސަތުން މިއަދުގެ ޖަލްސާ 14:02 ގައި ފަސްކުރެއްވުމަށްފަހު، ޤާނޫނީއަދަދު ހަމަނުވުމުގެ ސަބަބުން އަލުން މަޖިލިސް ފެށޭނެގޮތެއް ނުވުމުން، 14:26 ގައި ރިޔާސަތުން ޖަލްސާ ނިންމަވާލެއްވިއެވެ.