ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފިއެވެ.

މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު، ރާއްޖޭގެ ޤައުމީ ޓޫރިޒަމް އިންޑަސްޓްރީއާ ދެކޮޅަށް، އަދި އިންޑަސްޓްރީއަށް ހީނަރުކަމާއި ނިކަމެތިކަން ލިބިދޭ ފަދަ ގޮތަކަށް ފައިނޭންޝަލް ޓައިމްސް (ޔޫކޭ) ގެ 1 ޖުލައި 2012 ގެ އަދަދަށް ބަސްދީގަތުމެއް ދެއްވާފައިވުމުން، މިކަމުގެ ސަބަބަން ރާއްޖޭގެ އިޤްތިޞާދު ފުންވަޅުގަނޑަކަށް ވެއްޓިދާނެކަމުގެ ބިރު ކުރިމަތިވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ދައުލަތުގެ ހުރިހައި މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް އެދި ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެންގެވި ވޯޓުގައި ފެނިވަޑައިގަންނަވާކަމަށް 28 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި މިކުއްލި މައްސަލައަށް ހަމަޖެހިފައިވާ ވަގުތުކޮޅުގެ ތެރޭގައި 19 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އިސްތިޢުފާދެއްވާފައިވާތީ، މިއަދުގެ ޖަލްސާގައި އެކޮމިޓީއަށް ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމް ހަމަޖެއްސެވުމަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު ތާޢީދުކުރެއްވި ހުށަހެޅުންވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވާފައެވެ.