މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ބައްލަވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 31 ވަނަ ބައްދަލުވުން ބާއްވަވާފައިވަނީ މިއަދު 9:50 ން 10:50 އަށެވެ. މި ބައްދަލުވުމަށް 8 މެންބަރުން ހާޒިރުވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބައްލަވާ، މި ރިޕޯޓުގައި ހިމެނޭ ބައެއް މާއްދާތަކާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މެންބަރުން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ، ފައިނޭންޝަލް އޮޑިޓް މެނޭޖަރ އިބްރާހިމް ފަޒީލް އަދި އެސިސްޓެންޓް އޮޑިޓަރ އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ.

މި ބައްދަލުވުމުގައި ތްރާންސްޕޯޓް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބެއްލެވުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ކޮމިޓީ މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމްއެވެ.