ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފި

މިއަދު ކުރިއަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ޔުނައިޓެޑް ސްޓޭޑް އިންސްޓިޓިއުޓް ފޯރ ޕީސް އިން ވޮޝިންޓަންގައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ ގަދަރާއި ހައިބަތުނަގާލާ އިސްލާމްދީނަށް ފުރައްސާރުކޮށްފައިވާތީ، މިކަމުގެ ސަބަބުން އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުން ލިބިގެންދާނެކަމަށް ފެންނާތީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅުއްވި ކުއްލި މައްސަލައެއްކަމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މިއަދުގެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެންގެވި ވޯޓުގައި ފެނިވަޑައިގަންނަވާކަމަށް 29  މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް 16 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ނުޖެހި 1 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.

މިގޮތަށް ފާސްވުމުން މިމައްސަލައަށް 13 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައިގެ ގޮތުގައި 3 މައްސަލައެއް ހުށަހެޅިފައިވުމުން، 151 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ގުރުއަތުނެގުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދެވުމަށް ވަނީ ހޮވިފައެވެ. އަދި އެހެން ކުއްލި މައްސަލަތައް ގުރުއަތުން ހޮވުނު ތަރުތީބުން އެންމެ އަވަހަށް ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ  ޖަލްސާގައި ކުރިއަށް ގެންދަވާނެކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ގުރުއަތުން، އެއްވަނަ އަށް ހޮވިވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރެވެ. އަދި 2 ވަނަ އަށް ހޮވިވަޑައިގަތީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީއެވެ. އަދި 3 ވަނަ އަށް ހޮވިވަޑައިގަތީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ.