އަލްމަރުޙޫމް އަލްއުސްތާޛު އަޙްމަދު ނަޖީބުގެ ޢާއިލާއަށް ލިބިވަޑައިގެންނެވި ފުންހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެން ތަޢުޒިޔާ ދަންނަވައިފި

އަލްމަރުޙޫމް އަލްއުސްތާޛު އަޙްމަދު ނަޖީބުގެ ލޮބުވެތި ޢާއިލާއަށް ލިބިވަޑައިގެންނެވި ފުންހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެން ތަޢުޒިޔާ ދަންނަވައިފިއެވެ. އަދި އަލްމަރުޙޫމް ނަޖީބުގެ އާއިލާގެ ބޭފުޅުންނަށް މާތްﷲ ކެތްތެރިކަން ދެއްވާ ސަވާބު އިތުރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

އަދި މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، އެމަނިކުފާނުގެ ޛިކުރާ އާކޮށް އެމަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ސުކޫތެއް ގެންނެވިއެވެ.

އަލްމަރުޙޫމް އަލްއުސްތާޛު އަޙްމަދު ނަޖީބު / މ. ކެރެޓް، 1 ޖުލައި 2012 ވީ އާދީއްތަ ދުވަހުގެ ރޭ ވަރަށް ރަހުމްކުޑަ ގޮތެއްގައި އަވަހާރަކޮށްލާފައިވާކަމަށް މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

 އަދި ރައްޔިތުންގެ މަޖިލީހުގެ ހުވަދުއަތޮޅު އުތުރުބުރީގެ މެންބަރުކަން 24 ފެބްރުއަރީ 1985 ން 1 އޮކްޓޯބަރު 1986 އަށް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި، ފޮތް ލިޔުއްވުމުގެ ގޮތުން މަޝްހޫރު ލިޔުންތެރި އެއްކަމަށް އަދި ކުޅަދާނަ ޤާނޫނީ ވަކީލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.