4 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 4 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ވަކިވަކިން ވޯޓަށް އައްސަވައިގެން މަޖިލީހުން ރުހުންދެއްވާފައިވާ 4 ބޭފުޅުންނަކީ މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ވެހެލި، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުހަންމަދު އާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސ.ހުޅުދޫ ގޯރަންވިލާ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އާއި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ދިމްޔާތު، ޑޮކްޓަރ މުޙަންމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ. މަނާމު، ޑޮކްޓަރ މަރްޔަމް ޝަކީލާއެވެ.

މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ވެހެލި، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުހަންމަދުގެ ނަން ފާސްވެފައިވަނީ ފެންނަކަމަށް 42 މެންބަރުން، ނުފެންނަކަމަށް 30 މެންބަރުން ވޯޓުދެއްވައިގެންނެވެ.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސ.ހުޅުދީ ގޯރަންވިލާ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުގެ ނަން ފާސްވެފައިވަނީ ފެންނަކަމަށް 46 މެންބަރުން، ނުފެންނަކަމަށް 25 މެންބަރުން ވޯޓުދެއްވައިގެންނެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ދިމްޔާތު، ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ނަން އަދި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ. މަނާމު، ޑރ. މަރްޔަމް ޝަކީލާގެ ނަން ފާސްވެފައިވަނީ ފެންނަކަމަށް 46 މެންބަރުން، ނުފެންނަކަމަށް 26 މެންބަރުން ވޯޓުދެއްވައިގެންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީގެ މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒު ހުށަހެޅުއްވިއެވެ.