ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު އަލުން ވިސްނުމަކަށް ފޮނުއްވާފައިވާ މައްސަލައަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވައިފި

24 އޭޕްރީލް 2012 ވި އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު އަލުން ވިސްނުމަކަށް ފޮނުއްވާފައިވާ މައްސަލައަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވައިފިއެވެ.

މި މައްސަލައިގެ ބަހުސް މަރުޙަލާގައި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު އަލުން ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވައި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ތާއީދުކުރައްވާފައިވެއެވެ. އަދި 8 މެންބަރުން މިމައްސަލައަށް ބަހުސް ކުރައްވާފައިވެއެވެ.

މިބަހުސްގެ އިތުރުން،  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ވިސްނުމަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސް ކުރެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން މި ބިލު އަލުން ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވުމަށް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ތާއީދުކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 25 އޭޕްރީލް 2012 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާ ގައެވެ.