ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު އަލުން ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ކުރިއަށްދިއަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު، އެބިލު އަލުން ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުއްވައިފިއެއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް ހުށަހަޅުއްވައި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ތާޢީދުކުރެއްވި ހުށަހެޅުން ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުން ޢިއްތިފާޤުންނެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާފައިވާ މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 20 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 23 އޭޕްރީލް 2012 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ ގައެވެ.

6 ޝަޢުބާން 1433

26 ޖޫން 2012