ސަރުކާރުގެ ޕްރޮޖެކްޓަކަށް ބޭނުންވާ 30.65 މިލިއަން ރުފިޔާގެ ލޯނެއް އިސްލާމިކް ބޭންކުން ނެގުމާއި މެދު މާލިއްޔަތު ކޮމިޓީގައި މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ، 2012 ވަނަ އަހަރު ސަރުކާރުން ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯނު ތަކުގައި ހިމެނޭ މާލޭ 369 ނަންބަރު ކޮށީގައި އިމާރާތް ކުރަމުންދާ ތަޢުލީމީ ފަންޑްގެ 10 ބުރީގެ ޢިމާރާތަށް ބޭނުންވާ ފައިސާގެ %70 ކަމަށްވާ 30.65 މިލިއަން ރުފިޔާ އިސްލާމިކް ބޭންކުން ނެގުމަށް ހަމަޖެހިފައިވާ ލޯންގެ ތަފްސީލުގެ ތެރެއިން މަދުވާ ކަމަށް މާލިއްޔަތު ކޮމިޓީން ފާހަގަކުރައްވާފައިވާ މަޢުލޫމާތުތައް ހިމެނެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީފުޅާ މެދުއެވެ. އެގޮތުން ފޮނުއްވާފައިވާ އިތުރު މަޢުލޫމާތުތަކުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާ މިންވަރާއި، އަހަރެއްގެ ތެރެއަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދާއި އަދި ބޭނުންވާ ފައިސާ ހޯއްދެވުމަށް އިތުރު ފަރާތަކަށް އެދި ފޮނުއްވާފައިވާ ހުށަހެޅުންތައް ހިމެނެއެވެ. މި މަޢުލޫމާތުތައް ބެއްލެވުމަށްފަހު، މި ލޯން ދެއްވަން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން ނިންމެވިއެވެ.

މި މައްސަލައާއި މެދު މަޝްވަރާކުރެއްވުން ނިންމަވާލައްވާ، ދެން ކޮމިޓީގައި މަސައްކަތް ކުރިއަށްދިޔައީ، އެމް.ޓީ.ސީ.ސީގެ މާލީ ހާލަތު ދަށަށްދާތީ، އެ ކުންފުނީގެ މަސައްކަތާއި މާލިއްޔަތުގެ ތަފްސީލު ހޯދާފައިވާތީ، އެ މަޢުލޫމާތުގެ މައްޗައް ބައްލަވާ މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އަދި މި މަޢުލޫމާތުތަކުގެ އަލީގައި، ފެންމަތިވެފައިވާ ޚާއްސަ މައްސަލަތައް ފާހަގަކުރައްވާ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. ހުޅު މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުންނެވީ ޗުއްޓީގައެވެ.

މިއަދު ބޭއްވި ހެނދުނު 9:40 ން 10:46އަށް ބޭއްވުނު ބައްދަލުވުމަކީ މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 28 ވަނަ ބައްދަލުވުމެވެ.