އިޤްތިޞާދީ ކޮމިޓީން ރަހުނުގެ ބިލު ދިރާސާ ކުރައްވަންފައްޓަވައިފި

މިއަދުގެ ބޭއްވުނު އިޖްތިޞާދީ ކޮމިޓީގެ މިއަހަރުގެ 12 ވަނަ ބައްދަލުވުމުގައި، 23 އޮގަސްޓް 2011 ގައި މަޖިލީހުގެ ތަޅުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ރަހުނުގެ ބިލަށް ގެންނަން ޖެހޭކަމަށް ފެންނަ އިޞްލާޙުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު 09:30 އިން ފެށިގެން 10:20އަށް ބޭއްވުނު ބައްދަލުވުމުގައި ދެން ކުރިއަށް ގެންދެވީ، 30 މާޗް 2011 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ކުޅުދުއްފުށީ މެންބަރު މުޙަންމަދު ނަޝީދު ހުށައަޅުއްވާފައިވާ ދައުލަތު މުސާރައިގެ ސިޔާސަތުގެ ބިލުގެ މަސައްކަތެވެ. މިގޮތުން، މިބިލް ދިރާސާކުރެއްވުމަށްޓަކައި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރައްވައި، ބިލާއި ގުޅޭގޮތުން، އެބޭފުޅުންގެ ޙިޔާލުފުޅު ހޯއްދެވުމަށް ނިންމެވިއެވެ.

އަދި ކޮމިޓީއަށް އައިސްފައިވާ މައްސަލަތަކުގެ ތެރެއިން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަސްދީޤްކުރުމުގެ މައްސަލައާ ގުޅޭގޮތުން، ސަބް ކޮމިޓީގެ ފަރާތުން ހުށައަޅުއްވާފައިވާ ރިޕޯޓު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުނުވެ.

މިއަދުގެ އިޤްތިޞާދީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ނައިބު މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީބާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙަންމަދު މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

6 ޝައުބާން 1433

26 ޖޫން 2012