މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 27 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 27 ވަނަ ބައްދަލުވުން މިއަދު 9:35 ން 10:35 އަށް ބާއްވައިފިއެވެ. މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ 8 މެންބަރުންނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ގެއްލުންވަމުން ދިއުމުގެ ސަބަބުން، އެ ކުންފުނި ބައިބައި ކޮށްލާ އާ 2 ކުންފުނި އުފައްދަވާފައިވާތީ، މަސްވެރިކަމުގެ ސިނާޢަތުން، މި ކުންފުނިތަކަށް ގެއްލުންވަމުންދާ މައްސަލަ ދިރާސާ ކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގެ މަސައްކަތް ކުރިއަށްނުދާތީ މި މައްސަލަ މައި ކޮމިޓީއިން ބެއްލެވުމަށް ނިންމެވިއެވެ.

އެއަށްފަހު، 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯނުތަކުގައި ހިމެނޭ ބަޖެޓް ސަޕޯޓްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 65 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެތެރެއިން ބައެއްނަމަވެސް މިވަގުތު ދައުލަތުގެ މާލީ ޚަރަދުތައް ކުރުމަށް ހަމަޖައްސަވަން ޖެހޭކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ސިޓީފުޅު ބައްދަލުވުމުގައި ބައްލަވާފައިވެއެވެ. އެގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައި 65 މިލިއަން ޑޮލަރު އޭރުހުށަހަޅާފައިވަނީ ބޭރުގެ ދަރަނީގެ ގޮތުގައިކަމަށްވީ ނަމަވެސް، މީގެދަށުން 300 މިލިޔަން ރުފިޔާ ޑޮމެސްޓިކް ދަރަނީގެގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ނެގުމަށް ހުށަހަޅުއްވާ ތައްޔާރުކޮށްފައިވާ ތަފްޞީލް ލިޔުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާއި މެދު މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.  މިކަމުގައި ކައުންސެލް ޖެނެރަލްގެ ލަފާގެ މަތިން ކުރިއަށް ގެންދެވުމަށް ނިންމުނެވެ.

އެއަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެވުނެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ އެއްވެސް މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުންގެންދަވާތޯ ބެއްލެވުމަށް ނިންމެވިއެވެ.

      މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު, ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމްއެވެ.

 

5 ޝައުބާން 1433

25 ޖޫން 2012