ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލާއި ގުޅޭގޮތުން އިޤްތިޞާދީ ކޮމިޓީގެ ފަރާތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ އަދި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިއަދުގެ ބައްދަލުވުމުގައި، 30 މާޗް 2011 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ކުޅުދުއްފުށީ މެންބަރު މުޙަންމަދު ނަޝީދު ހުށައަޅުއްވާފައިވާ ދައުލަތު މުސާރައިގެ ސިޔާސަތުގެ ބިލު، މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ ފަރާތުން އިތުރަށް ދިރާސާކުރައްވައިފިއެވެ. މިގޮތުން، މެންބަރުންގެ މެދުގައި ބިލާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުން ހާޒިރުކުރައްވައި، މިބިލާއި ގުޅޭގޮތުން، އެބޭފުޅުންގެ ޙިޔާލުފުޅު ހޯއްދެވިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުސައިން ނިޔާޒް، އެސިސްޓަންޓް އޮޑިޓަރ ޖެނެރަލާއި އޯޑިޓަރ ޖެނެރަލް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓު ގެ ދެ މެނޭޖަރުންކަމުގައިވާ މުޙަންމަދު ނަސީމާއި މުޙަންމަދު އިބްރާހިމް މަނިކު ބައިވެރިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ކޮމިޝަން މެންބަރުންކަމުގައިވާ
ޑރ. މުޙަންމަދު ލަތީފާއި ޖަމީލާ ޢަލީ ޚާލިދު އަދި އަޙުމަދު މިރުޝާން، ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ ބައިވެރިވަޑައިގެންނެވިއެވެ.

މިބިލާއި ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ދައުލަތު މުސާރައިގެ ސިޔާސަތުގެ ބިލަކީ މިހިނދަށް ދައުލަތަށް ވަރަށް ބޭނުންތެރި ބިލެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ބިލު އެކުލަވާލެއްވި އިއްޒަތްތެރި މެންބަރުން، މި ބިލު އެކުލަވާލައިފައިވަނީ، މި ހިނދަށް ބޭނުންވާ ގޮތަށް ފުރިހަމައަށް ކަމަށާއި، ނަމަވެސް އިތުރު ބަދަލުގެނެސްފިނަމަ މިބިލް ޤާނޫނަކަށް ވެގެންދާއިރު އިތުރަށް ފުރިހަމަ ވާނޭ ގޮތްތަކެއް އެބަހުރިކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޓީއަށް ފޮނުއްވާފައިވާ، ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންގެ ނަންތައް ދިރާސާކޮށް ކަނޑައެޅުމުގެ މައްސަލަ ނިންމާނެ ސުންގަޑިއަކީ 15 ޖުލައި 2012 ކަމުގައި އަދި މާލިއްޔަތު ޤާނޫނަށް (/20063) އިސްލާހު ގެނައުމުގެ ބިލުގެ މައްސަލައިގެ ސުންގަޑިއަކީ 15 އޮގަސްޓް 2012 ކަމުގައި ކޮމިޓީގެ މުޤައްރިރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އިޢުލާނުކުރެއްވިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓިގެ މުޤައްރިރު ހިތަދޫ ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ.

މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.