ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުނުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުނުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރެއްވުމުން ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. މި ބިލު މަޖިލިހަށް ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 32 މެންބަރުންނެވެ. 28 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު ވަކިފަރާތަކަށް ވޯޓް ނުދެއްވާ އެއްވެސް މެންބަރެއް ނެތެވެ.

މީގެއިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަންނަން ފާސްކުރެއްވުމާގުޅިގެން ވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 58 މެންބަރުންނެވެ. އެއްވެސް މެންބަރަކު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިނުވާއިރު ވަކިފަރާތަކަށް ވޯޓް ނުދެއްވާ އެއްވެސް މެންބަރަކުވެސް ނެތެވެ.

މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ކޮމިޝަނުން އަދާކުރުމަށް ވަކިފަރާތަކުން ހުރަސްއަޅަމުންގެންދާކަމަށް ޤަބޫލުކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު ބަލައިގަންނަން ވޯޓަށް އަހާފައިވެއެވެ. ނަމަވެސް މި ޤަރާރު ބަލައިގަންނަން ފާސްވެފައެއް ނުވެއެވެ. ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 27 މެންބަރުންނެވެ. 33 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު ވަކި ފަރާތަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރެއް ނެތެވެ.

މިއަދުގެ ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުވެސް ބަލައިގަންނަން ވޯޓަށް އަހާފައިވެއެވެ. މި ޤަރާރުވެސް ބަލައިގަންނަން ފާސްވެފައެއް ނުވެއެވެ. ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 24 މެންބަރުންނެވެ. 36 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު ވަކި ފަރާތަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރެއް ނެތެވެ.

މީގެއިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މުޙަންމަދު ނަޝީދުގެ ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީއާއި ޤާނޫނާ ޙިލާފަށް ކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭ ކަންކަން ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަހުޤީޤުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިއަދު ޖަލްސާގައި އެހެނިހެން މަސައްކަތުގައި ކުރިއަށް ގެންދެވުނު މިބަހުސްގައި މިޤަރާރަށް 7 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ޖޫން 2012 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާ ގޭގައެވެ.

30 ރަޖަބު 1433

20 ޖޫން 2012