މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރެއްވުމަށްޓަކައި، މާލިއްޔަތު ކޮމިޓީގެ ފަރާތުން ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި މިރޭ 20:30 ން 22:00 ށް ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި، އޮޑިޓް ޤާނޫނު (ޤާނޫނު ނަންބަރ: 4/2007) ގެ ދަށުން ކުރެވުނު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރީ މާލީ ބަޔާނަށް ރައުޔެއްދީ، އިސްލާހުކުރަންޖެހޭ ކަންކަމާމެދު އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ހުރިހާ ބޭފުޅުންގެ މެދުގައި ވާހަކަފުޅުދެއްކެވުނެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނު (ޤާނޫނު ނަންބަރ: 20063/) އިން ބާރު ލިބިގެން، މާލީ ހިސާބުތައް ތައްޔާރުކުރުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަސްއޫލިއްޔަތު އަދާކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބަޔާންކުރައްވާފައިވާ 25 ކަމަކަށް މިރޭގެ ބައްދަލުވުމުގައި އަލިއަޅުއްވާލެއްވުނެވެ. އަދި މިކަންކަމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވަޑައިގެންނެވި، މިނިސްޓަރ އަލްފާޟިލް އަޙްމަދު ޝަފީޢުއާއި އަދި ޕާމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ޢަބްދުﷲ ނަސީރުއާ މާލިއްޔަތު ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ:
(1 އަލްފާޟިލް ހުސައިން ނިޔާޒް (އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް)
2) އަލްފާޟިލް މުޙަންމަދު ނަސީމް (އޮޑިޓް މެނޭޖަރ)
3) އަލްފާޟިލް ފާތިމަތު އިނާޔާ (މެނޭޖަރ)
4) އަލްފާޟިލް އަޙުމަދު ޖިނާޙު (އޮޑިޓަރ)
5) އަލްފާޟިލް އައިޝަތު ނިއުޒާ (އެސިސްޓަންޓް އޮޑިޓަރ) އެވެ.
ސުވާލު ކުރުމުގެ ފުރަތަމަ ފުރުސަތު ނިމުމުން، މިމައްސަލައިގެ ސުންގަޑިއަކީ ޖޫން 2012 ގެ ނިޔަލަށް ކަމުގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
މިރޭ ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.
19 ޖޫން 2012