މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 3 ވަނަ ސަބް ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:10 ން 11:43 ށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި، ސްޓެލްކޯގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި، ދިވެހި ރާއްޖޭގެ ހައިކޯޓުގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވުމަށްފަހު ރިޕޯޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ. މީގެ އިތުރުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި މެދުވެސް މަޝްވަރާކުރެއްވިއެވެ.
މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.
28 ރަޖަބު 1433
18 ޖޫން 2012