ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 9 ބައްދަލުވުމުގައި އާންމު ގަވައިދުތަކާބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު 2008/6) ޖަދުވަޅު 1 ގައި ހިމެނޭ ގަވާއިދު ނަންބަރު 29 ” ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދަ”ށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމެންޓުން ފޮނުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.

މިގޮތުން މިއަދުގެ ބައްދަލުވުމުގައި، މިގަވާއިދު 8 ވަނަ މާއްދާ އަށް މިނިސްޓްރީން ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ރަނގަޅުކަމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާގުން ފާސްކުރެއްވިއެވެ. އަދި ގަވާއިދުގެ 2 ވަނަ މާއްދާ އިޞްލާޙު ކުރުމަށް ނިންމެވިއެވެ.

މިއަދު މެންދުރު 12:35 ން 13:10 ށް ބޭއްވުނު މިބައްދަލުވުމަށް 10 މެންބަރުން ޙާޒިރުވެވަޑައިގެންނެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤު ހަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް ލަޠީފް އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒްއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.

 

28 ރަޖަބު 1433

18 ޖޫން 2012