މިއަދު ހެނދުނު ބޭއްވުނު އާންމު ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް މިހިނގާ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުން %15 އުނިކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާފައިވާތީ، މަޖިލީހުގެ އިދާރާގެ ބަޖެޓުން %15 އުނިކުރުމަށްފަހު ލަފާކުރާ ބަޖެޓް ދިރާސާ ކުރެއްވުން ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ އިދާރާގެ 2012 ވަނަ އަހަރުގެ ބަޖެޓްގެ ބާކީ އައިޓަމްތަކުން %11.2 އުނިކުރުމަށް ކޮމިޓީގެ އަޢުލަބިއްޔަތުން ފާސްކުރައްވާފައިވެއެވެ.
މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މެދު ހެންވޭރު ދާއިރާގެ ޢަލީ ޢާޒިމް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދުއެވެ.
ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
28 ރަޖަބު 1433
18 ޖޫން 2012