މިއަދު ބޭއްވުނު އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އަޢްޔަނުކުރުމުގެ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން އަންނަ ހޯމަ ދުވަހު، މިމަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ނިންމެވިއެވެ.
އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މެންބަރުންގެ މެދުގައި ބިލާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ބިލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ސިވިލް ސަރވިސް ކޮމިޝަން، އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޚިޔާލުފުޅު ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި މިބިލާ ގުޅޭގޮތުން ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.
މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.
މިއަދު ހެނދުނު 9:35 ން 10:30އަށް ބޭއްވުނު މިބައްދަލުވުމަކީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 8 ވަނަ ބައްދަލުވުމެވެ.
28 ރަޖަބު 1433
18 ޖޫން 2012