“ދަ ވަރލްޑް ސަމިޓް އޮފް ލެޖިސްލޭޓަރސް 2012” ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި

މިމަހުގެ 15 ން 17 އަށް ބްރެޒިލްގެ ރިއޯ-ޑި-ޖެނީރޯގައި ފެށިގެން ކުރިއަށްދާ “ދަ ވަރލްޑް ސަމިޓް އޮފް ލެޖިސްލޭޓަރސް 2012” ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އިއްޔެ ތަޤްރީރުކުރައްވައިފިއެވެ.

ރިއޯ ޑި ޖެނީރޯގެ ޓައިރަޑެންޓެސް ޕެލެސްގައި ކުރިއަށްދާ މި ސަމިޓްގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެށިތައް ހިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރުން މުހިންމު ކަންތައްތަކަށް އަލިއަޅުވާލައްވާ އަލްފާޟިލް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިމޭރުމުން އެމަނިކުފާނު މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި، ކާބަން ނިއުޓްރަލް މަންޒިލަކަށް ދަތުރުކުރުމަށް ރާއްޖެފަދަ ކުދި ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މި މަސައްކަތް ކުރުމަށް ޚަރަދުވާ މިންވަރު ބޮޑުވުމާއި، މި މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުންކަމުގައި ވިދާޅުވިއެވެ. ވީމާ މާލިއްޔަތަށް ބުރޫ ނާ ރާނޭ ފަދަގޮތަކަށް ދެމެހެއްޓެނިވި އަދި ފެހި ތަރައްޤީއަކަށް ވާސިލުވުމަށް އެހީތެރިވެދިނުމަށް މި ކޮންފެރެންސްގައި އޮނިގަނޑެއް އެކުލަވާލުމުގެ މުހިންމު ކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ދެވަނަ ނުކުތާގައި، ތިމާވެއްޓާއި އިންސާނީ ހައްޤުތައް ލާމެހިފައިވާ ކަން ދުނިޔެއަށް އަންގައިދިނުމަށް ރާއްޖެއިން އިސްނަގައިގެން މިފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭ ކުރަމުންދިޔަ މަސައްކަތަށް ބައިނަލްއަޤްވާމީ އެއްބާރުލުން ރިއޯ +20 ގައި ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރިއޯ ޑިކްލަރޭޝަންގެ ޕްރިންސިޕަލް 10 އަކަށް އަމަލީ ސިފައެއް ގަނައުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ސަބަބަކީ، މި މާއްދާއަކީ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ މީހުން ތަމްސީލުކޮށްދޭ، ތިމާވެށި ހިމާޔަތް ކުރުމުގެ މަޤްސަދުއާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއަޅާ މާއްދާއަކަށްވުމެވެ.

މީގެ އިތުރުން، ބައިނައަޤްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑަށް ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރަންޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ވާރލްޑް ހެލްތް އޯގަނައިޒޭޝަނާއި ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަނާއި އެއް ބައްޓަމަކަށް ވާރލްޑް އެންވަޔަރެންމެންޓް އޯގަނައިޒޭޝަންގެ ނަމުގައި ބައިނަލްއަޤްވާމީ މައި ޖަމާޢަތެއް އުފެއްދެވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މި ޖަމާޢަތް ވެގެންދާނީ، ކުރިއަށް އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަމާއި، އިންސާނިއްޔަތާއި ތިމާވެއްޓާއި ގުޅި ލާމެހިފައިވާ މިންވަރު އެންގުމުގައި މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށީގެ މައްސަލަތަކާއި ގުޅިގެން ދުނިޔޭގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތައް ހައްލުކުރުމުގައި މި ޖަމާޢަތުން މުޙިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަލްފާޞިލް އަބްދުﷲ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިއީ މިންވަރުން ބޮޑެތި ތަސައްވުރުތަކެއް ކަމުގައިވީ ނަމަވެސް، މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކުންނާއި ޤާނޫނު ހަދާ މަޖިލިސްތަކުން މި ކަންކަމާއި ހަމައަށް ވާސިލުވުމަށް މަސައްކަތް ފައްޓަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދަ ވާރލްޑް ސަމިޓް އޮފް ލެޖިސްލޭޓަރސް 2012 އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިމަހުގެ 20 ން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިއޯ +20 ސަމިޓަށް ހިތްވަރުދެއްވުމުގެ ގޮތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ސަރުކާރު ހިންގުމުގެ މައްސޫލިއްޔަތު ހަރުދަނާކުރެވުމަށްޓަކައި ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާއި މެންބަރުން މަޝްވަރާކުރެއްވުމަށް ބާއްވާ ޖަލްސާއެކެވެ. 85 ޤައުމެއްގެ ޤާނޫނު ހަދާ މަޖިލިސްތަކުން 300 މެންބަރުން ބައިވެރިވާ މި ޖަލްސާ އިންތިޒާމްކުރައްވާފައިވަނީ ގްލޯބަލް ލެޖިސްލޭޓާރސް އޯގަނައިޒޭޝަނުންނެވެ.

މިދަތުރުގައި ރާއްޖެ ތަމްސީލުކުރާ ވަފްދުގައި، ރައްޔިތުންގެ މަޖިލީހުގެ  ރައީސްގެ އިތުރުން، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އާއި ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ބައިވެރިވަޑައިގަންނަވައެވެ.

26 ރަޖަބު 1433

16 ޖޫން 2012