ރާއްޖެއިން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިލް ޑރ. ލޫކާ ފިޔޮމޮންޓޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

ރާއްޖެއިން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިލް ޑރ. ލޫކާ ފިޔޮމޮންޓޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި އިޓަލީ އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ގާތްގުޅުމެއް އޮންނަކަން ފާހަގަކުރައްވައި، އެގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން އޮނަރަރީ ކޮންސިލްއަށް މަޢުލޫމާތު ދެއްވާފައެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި އިޓަލީގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ޕްރޮގްރާމް ގެންދާގޮތާބެހޭގޮތުން ޑރ. ފިޔޮމޮންޓޭ މަޢުލޫމާތު ދެއްވިއެވެ.

22 ރަޖަބު 1433

13 ޖޫން 2012