އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 5 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ ފަސްވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ 14:00 ގައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ ބައްލަވާ، މި މައްސަލައާއި ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ފުލުހުންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމަށް ހާޒިރުކުރައްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބް އާއި އަޙްމަދު ސަޢުދީ އަދި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟްއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސެން މުޙައްމަދު، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަދި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނާޢީމްއެވެ.