ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

މިބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 40 މެންބަރުންނެވެ. އަދި ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 27 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކި ގޮތަކަށް ވޯޓް ދޭން ބޭނުންނުވާ 2 މެންބަރުން ތިއްބެވިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަޢުލަބިއްޔަތުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވުމުން ރިޔާސަތުންވަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއަށް ފޮނުވުނީކަމަށް ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގެ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން 14:06 ގައި ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ.

22 ރަޖަބު 1433

12 ޖޫން 2012