ޤައުމީތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޤައުމީތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ ހަތަރުވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 12:30އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)”ގައި ދިވެހިރާއްޖެއިން މުއާޙަދާގައި ބައިވެރިވުމާ ގުޅޭގޮތުން ކެބިނެޓަށް ހުށައެޅުއްވި ކަރުދާސް ބައްދަލުވުމުގައި ޚިއްސާކުރައްވާ، ނޭޝަނަލް ޕޮލިސީ ޓްރޭޑް ކޯޑިނޭޓިން ކޮމިޓީގައި ކުރެވުނު މަޝްވަރާގެ މައްޗަށް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

އެއަށްފަހު ކުރިއަށްގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ 133 ވަނަ މާއްދާގެ ދަށުން، ޤައުމީ ތަރައްޤީ ކޮމިޓީ ހިންގުމުގެ ޤަވާއިދު ހެދުމުގެ އިދާރީ މައްސަލައެވެ. އަދި މިޤަވާއިދު ކޮމިޓީގެ އަޙުލަބިއްޔަތަކުން ފާސްކުރައްވައި، މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވުމަށް މަޖިލީހުގެ އިދާރާއާއި މިއަދު ހަވާލުކުރެއްވިއެވެ.

މިބައްދަލުވުމާއި ގުޅިގެން، ޤައުމީ ތަރައްޤީ ކޮމިޓީގެ ސަބް-ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް މިއަދު ބޭއްވުނެވެ. މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގައި، ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކުގެ ނަންފުޅު ހުށަހެޅުނެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކު ހުންނެވުމަށް ކޮމިޓީގެ ފަރާތުން ފާސްކުރެއްވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކު، ކެލާ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ މައުސޫމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ.