ދައުލަތުގެ މުސާރައިގެ ސިޔާސަތު ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވަންފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ 2012 ވަނަ އަހަރުގެ ހަވަނަ ބައްދަލުވުން މިއަދު ހެނދުނު 09:45 އިން 10:45 އަށްބާއްވައިފިއެވެ. މި ބައްދަލުވުމަށް 7 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބަޔާންވެގެންވާ ދިވެހި ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ، ދިވެހި ދައުލަތުގެ މުސާރައާ އިނާޔަތްދޭ ދިވެހި ދައުލަތުގެ މުއައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ސިޔާސަތު  މުރާޖަޢާކުރުމާއި، އިސްލާޙުކުރުމާއި އަލުން އެކުލަވާލުމުގެ ހަމަތައް ކަނޑައެޅުމައްޓަކައި މަޝްވަރާކުރެއްވިއެވެ.

މިގޮތުން، “ދައުލަތުގެ މުސާރައިގެ ސިޔާސަތު ކަނޑައެޅުމުގެ ބިލް” އާއި ގުޅިގެން ދިރާސާ ކުރައްވަން ހުށަހަޅުއްވާފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީފުޅާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސިޓީފުޅު ބައްލަވައި،  މީގެ ތެރެއިން ދިރާސާ ކުރުމަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމަށް މިއަދު ޙިޔާލުފާޅު ކުރެވުނެވެ.

މިއަދުގެ އިޤްތިޞާދީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރުގެ ނާއިބު މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ، އިނގުރައިދޫ ދާއިރާގެ މެންބަރު  ޙަމްދޫން އަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ.