މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 20 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 20 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 9:30 އިން 10:30 އަށެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ، މި މަސައްކަތް ނިންމެވުމުގެ ސުންގަނޑިއެއް ކަނޑައެޅުއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ. ކަސްޓަމްސްގެ ގަވައިދުތައް ބެއްލެވުމަށްފަހު، އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން މި މައްސަލައާއި މެދު ވަކި ގޮތެއް ނިންމެވުމަށް ކޮމިޓީން ނިންމެވިއެވެ.

އެއަށްފަހު 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ރަޢީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވާ، މަޖިލީހަށް ފޮނުއްވި ލޯންތަކުގައި ހިމެނޭ ސ. ހިތަދޫ ގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓުން ނެގުމަށް ހަމަޖެހިފައިވާ ލޯންގެ ތަފްސީލްގެ ތެރެއިން މަދުވާކަމަށް މާލިއްޔަތު ކޮމިޓީން ފާހަގަކުރައްވާފައިވާ މަޢުލޫމާތު، ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާތީ، އެސިޓީފުޅާއި މެދުވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ސިއްޙީ ޙިދުމަތް ދިނުމުގައި އަމަލު ކުރަންވީ އުސޫލެއް އެކުލަވާލުމަށް އެދިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފޮނުއްވާފައިވާ މައްސަލައާއި މެދު ކޮމިޓީގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.