މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށްހުރި ކަންކަމުގެ ތެރެއިން، ހުށަހެޅުނު 2 ކަންތައްވެސް ފާހެއްނުވި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އައްސަވައި ފާހެއް ނުވިއެވެ. މިބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 27 މެންބަރުންނެވެ. އަދި ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 38 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކި ގޮތަކަށް ވޯޓް ދޭން ބޭނުންނުވާ 6 މެންބަރުން ތިއްބެވިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި 2012 ވަނަ އަހަރުގެ ބަޖެޓްގައި ރައްޔިތުންނަށް ޞިއްޙީ ފަރުވާގެ އިންޝުއަރަންސް ދިނުމަށް ކަނޑައަޅުއްވާފައިވާ މިންވަރަށްވުރެ ނިސްބަތުން އިތުރަށް ޚަރަދުކުރަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރެއްވުމަށް ވޯޓަށް އައްސަވައި މިރިޕޯޓްވެސްވަނީ މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުން ފާސްނުވެފައެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް ފާސްކުރެއްވުމަށް ފެންނަކަމަށް 4 މެންބަރުން ވޯޓުދެއްވާފައިވާއިރު ފެނިވަޑައިނުގަންނަވާ ކަމަށް 64 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި  ވަކި ގޮތަކަށް ވޯޓް ދޭން ބޭނުންނުވާ 3 މެންބަރުން ތިއްބެވިއެވެ.

21 ރަޖަބު 1433

11 ޖޫން 2012