ަދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވައިފިއެވެ.

މިބިލު ހުށަހަޅުއްވާފައިވަނީ މިޤާނޫނުގެ 31، 32 (ރ)، 33، 35(ހ)، (ރ) އަދި 37 ވަނަ މާއްދާގައި “ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން” ބަޖެޓް ފޮނުވަންޖެހޭ ކަމަށް ވާއިރު ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟްވާކަމަށް ފެންނާތީ އާއި މިޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ޖޫރިމަނާ ކުރުމާއެކު އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާ ގޮތަށް އޮންނައިރު، ޤާނޫނު އަސާސީގެ 60 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ކަމަށް ފެންނާތީއާއި އަދި މިޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި “ފާސްކުރާ ބަޖެޓް” ކަމަށް ބުނެފައިވާ އިބާރާތުގައި ޤާނޫނު އަސާސީގެ 78 ވަނަ މާއްދާއަށް ހަވާލާދީފައިވާއިރު، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއު ތަޢާރުޟްވާ މިންވަރު އިޞްލާޙުކުރަންޖެހޭ ކަމަށް ފެންނާތީއެވެ.

ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ޚަރާދާއި، ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ.

މިއަދަކީ  ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުނު ދެވަނަ ދުވަހެވެ. އެންމެ ފުރަތަމަ މިބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވަނީ 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ.

21 ރަޖަބު 1433

11 ޖޫން 2012