ޓޫރިޒަމް ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވަންފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ 2012 ވަނަ އަހަރުގެ 5 ބައްދަލުވުން މިއަދު ހެނދުނު 09:30 އިން ފެށިގެން 10:20 އަށްބާއްވައިފިއެވެ. މި ބައްދަލުވުމަށް 9 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޓޫރިޒަމް ޤާނޫނަށް އިސްލާޙު ގެނައުމަށްޓަކައި ހުށަހަޅުއްވާފައިވާ ބިލަށް ގެންނަން ޖެހޭކަމަށް ފެންނަ އިޞްލާޙުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު ކޮމިޓީން ނިންމެވީ، ބިލު ދިރާސާކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށެވެ.

އެއަށްފަހު، ކޮމިޓީއަށް އައިސްފައިވާ މައްސަލަތަކުގެ ތެރެއިން ދެން ކޮމިޓީގައި ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަސްދީޤްކުރުމުގެ މައްސަލައެވެ. މިގޮތުން މިމައްސަލައަށް، ސަބް ކޮމިޓީއެއް ކަނޑައަޅައި، މެންބަރުން ހޮވުމުގެ މައްސަލަ ނިންމެވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިއަދުގެ އިޤްތިޞާދީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ.