އާންމު ކޮމިޓީގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 4 ވަނަ ބައްދަލުވުން 8 މެންބަރުންގެ ހާޒިރުގައި މިއަދު ހެނދުނު 9:30 ފެށިގެން 10:20 ހަމައަށް ކުރިއަށްގެންގޮސްފައިވެއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 218 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް ހުށަހަޅުއްވާފައިވާ އިސްލާޙު ދިރާސާކުރައްވާ، މި މާއްދާ އިތުރަށް ފުރިހަމަކުރެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ.

އެއަށްފަހު އާންމު ކޮމިޓީއަށް މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން އެކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާތަކެއް މަޖިލީހުން ފާސްކޮށް ޢަމަލުކުރަންފެށިފައިވާ ގާނޫނުތަކުގެ ދަށުން އުފެދިފައިވުމުގެ ސަބަބުން، އެ މުއައްސަސާތައް އެ ކޮމިޓިގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމަނައި ދެއްވުމަށް އެދިވަޑައިގެން، މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2ކަށް ހުށަހަޅުއްވާފައިވާ އިސްލާޙުތަކާއި ގުޅޭ ރިޕޯޓު ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އަދި އެ ރިޕޯޓް ފޮނުވާފައިއޮތް ގޮތަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މެންބަރުން ނިންމެވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ ދައުރާއި ޗުއްޓީއާއި ގުޅިގެން މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާ  އަށް ބަދަލު ގެނައުމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅާފައިވާ އިސްލާޙް ބެއްލުވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ އިސްލާޙާއި މެދު އިތުރު ހިޔާލެއް ހޯއްދެވުމަށް ކަމާއިގުޅޭ އިދާރާތަކަށާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި އިދާރާ ބޭފުޅުންގެ ލަފާ ހޯއްދެވުމަށް، ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމަވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވީ ކޮމިޓީގެ މުޤައްރަރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ނިލަންދޫ ދާއިރާގެ އަބްދުލް މުޙުސިން ހަމީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ.