މަޖިލީހުގެ ރައީސް އާއި ދެކޮޅަށް ނެގުނު އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފެއިލްވުމަކީ، މައްސޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާ މެދު ވަރަށް ވަރުގަދަ ޖަވާބެއް ލިބިދޭ ކަމެއްކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

މަޖްލީހުގެ ރައީސް އާއި ދެކޮޅަށް ނެގުނު އިތުބާރުނެތްކަމުގެ ވޯޓު މަޖްލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސް ނުވުމަކީ، މައްސޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާ މެދު ވަރަށް ވަރުގަދަ ޖަވާބެއް ލިބިދޭ ކަމެއްކަމުގައި މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާ ނިންމެވުމަށްފަހު ދެއްވި ނޫސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސްގެ އެންމެ ބޮޑު މައްސޫލިއްޔަތަކީ، މަޖިލީހުގެ މަސްލަޙަތު ދެމެހެއްޓުންކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މަޖީލީހުގެ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާ، ހަމަހަމަކަން އަދި ޤާނޫނާ ގަވާއިދު ދަމަހައްޓާ، އަވަސްކަމާއި ފުރިހަމަކަމާއިއެކު، ވާޖީބު އަދާކުރުމަކީ އެމަނިކުފާނުގެ ޒިންމާކަމުގައި ވިދާޅުވިއެވެ.

މި ގޮތުން ޅަފަތުގެ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އުފެދޭ ޙިޔާލު ތަފާތު ވުމަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ލިބޭ މުއްސަނދިކަމެއްކަން ފާހަގަކުރައްވައި، ނަމަވެސް، ތަޅުމުގައި އަދި ތަޅުމުގެ ބޭރުގައި ހަމަހަމަކަން ޤާއިމުކުރުމަށާއި މަޖިލިސް ގޭގައި މައްސަލަ ހައްލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ވޯޓުގެ ނަތީޖާއަށް ބިނާކޮށް، ތާއީދު ދެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވާފައެވެ.

މަޖިލިހުގެ ރައީސްގެ ވާހަކަފުޅަށް ފަހު ވަޑައިގެން ތިއްބެވި މީޑިއާގެ ބޭފުޅުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވިއެވެ.