“ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލައަށް ބަހުސް ކުރައްވައިފި

“ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)” ގައި ދިވެހިރާއްޖޭން ބައިވެރިވުމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ބަހުސް މަރުޙަލާގައި ޖުމްލަ 12 މެންބަރުން މިއަދު ބަހުސް ކުރައްވައިފިއެވެ.

މިބަހުސް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިން ބަޔާންކޮށްފައިވާތީއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަންތަކުގެތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގައި އިޢުލާނުކުރައްވާ، އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. މި ރުހުން ހޯދުމަށް ހުށަހަޅާފައިވާ ހަތަރު ވަޒީރުންނަކީ މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ހ.ވެހެލި ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ސ.ހުޅުދޫ ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ މ.ދިމްޔާތު ޑޮކްޓަރ މުޙަންމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ގ.މަނާމު ޑޮކްޓަރ މަރްޔަމް ޝަކީލާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 171 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، ވަޒީރުން މައްސަލަ ކޮމިޓީއަށް ފޮނުއްވާ، ހަމަ މި މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެން އެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަސް ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގައި އިޢުލާނުކުރައްވާ، އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އިޤްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. މި ފަސް ބޭފުޅުންނަކީ ގދ.މަޑަވެލި ގަހާ އަލްފާޟިލް އަޙްމަދު މުނައްވަރު، މ.ނަރުގިސްމާގެއާގެ އަލްފާޟިލާ ޢާއިޝަތު ޢަރްޝާ، ހ.މަޑިވަރު އަލްފާޟިލާ ފާޠިމަތު ސުޖާތާ ޙަލީމް، ސ.ހުޅުދޫ ވާރުގެ އަލްފާޟިލާ ޢާތިރާ ޢަލީ އަދި ލ.މާވަށް އަސްރަފީހިޔާ އަލްފާޟިލް އަޙްމަދު ފާއިޒް މުޙައްމަދު އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ.ފުންފިނި އަލްފާޟިލް މުޙައްމަދު ނަޞީރު، ހަމަ މި މާއްދާގެ ދަށުން މަޖިލީހުގައި އިޢުލާނުކުރައްވާ، އެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

14 ރަޖަބު 1433

4 ޖޫން 2012