ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ޕާޓީ ބަދަލުކުރެއްވިކަން މިއަދުގެ ޖަލްސާގައި ޢިއުލާނުކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ)ގެ ދަށުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ބަދަލުވާން ހުށަހަޅުއްވާފައިވާތީ އެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ މެންބަރަކު ހުރި ޕާޓީއިން ވަކިވީކަމުގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ފޮނުވަން ވާނެއެވެ. އަދި އެ މެންބަރަކު ބަދަލުވި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އެ މެންބަރަކު އެ ޕާޓީއާ ގުޅިއްޖެކަން އަންގައި އެކަން ލިޔުމަކުން މަޖިލީހުގެ ރައީސަށް އަންގަންވާނެއެވެ. އަދި އެ މެންބަރަކު ހުރި ޕާޓީއިން ވަކިވެ އެހެން ޕާޓީއެއްގެ މެންބަރަކަށް ވީކަން ކަށަވަރު ކޮށްދޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ބ) ގައި ބަޔާންކުރަނީ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މެންބަރަކު ޕާޓީއަކުން ވަކިވާ ޙާލަތްތަކުގައާއި، ޕާޓީތަކުން ވަކިވެ އެހެން ޕާޓީއަކާއި ގުޅޭ ޙާލަތްތަކުގައި އެ މާއްދާތަކުގައި ބުނެފައިވާ ލިޔުންތައް މަޖިލީހުގެ ރައީސަށް ލިބުމުން އެ މެންބަރަކު ޕާޓީއަކުން ވަކިވެއްޖެކަން ނުވަތަ ޕާޓީއަކާ ގުޅިއްޖެކަން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ޢިއުލާން ކުރަންވާނެއެވެ.

14 ރަޖަބު 1433

4 ޖޫން 2012