މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި ސަބް ކޮމިޓީގެ 2 ބައްދަލުވުމެއް ބާއްވައިފި

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި ސަބް ކޮމިޓީގެ 2 ބައްދަލުވުމެއް ބާއްވައިފިއެވެ. މިގޮތުން ފުރަތަމަ ސަބްކޮމިޓީގެ ބައްދަލުވުން ބާއްވާފައިވަނީ 11:25 ން 12:15 ށެވެ. މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ 2007ގެ އޯޑިޓް ރިޕޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސްގެ 2007ގެ އޯޑިޓް ރިޕޯޓާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ 2007 ގެ  އޯޑިޓް ރިޕޯޓް އަދި މެރިން ރިސާރޗް ސެންޓަރ ގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ.

އަދި ދެވަނަ ސަބްކޮމިޓީގެ ބައްދަލުވުން ބާއްވާފައިވަނީ 12:45 ން 12:50 ށެވެ. މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބަދަލުވެފައިވުމާއިއެކު އަލުން ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާގެ ނަންފުޅު ހުށަހެޅުނެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާގުން  ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާގެ ނަންފުޅު ހޮވުނެވެ.

އެއަށްފަހު، ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އަހަރީ  އޯޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވުން ކުރިއަށްގެންދެވިއެވެ.

ސަބްކޮމިޓީގެ ދެވަނަ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ކޮމިޓީއަށް ވަޑައެއްނުގަންނަވެއެވެ.

7 ރަޖަބު 1433

28 މެއި 2012