މިއަދުން ފެށިގެން ކުރިއަށްދާ “ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބިލިޔު.ޓީ.އޯ) – ޓެމަސެކް ފައުންޑޭޝަން ސެންޓަރ ފޯރ ޓްރޭޑް އެންޑް ނެގޯޝިއޭޝަން (ޓީ.އެފް.ސީ.ޓީ.އެން) ޕާލިމަންޓޭރިއަން ވޯކްޝޮޕް އޮން އިންޓަރނޭޝަނަލް ޓްރޭޑް 2012” ގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމް ބައިވެރިވެވަޑައިގެންފިއެވެ.
ސަރަޙައްދީ ވިޔަފާރިވެރިންނަށް އަމާޒުކޮށް، މިމަހު 15 އިން 17 އަށް ސިންގަޕޫރުގައި ކުރިއަށްދާ މިބައްދަލުވުމުގައި އާސިއާން މެންބަރު ޤައުމުތަކުންނާއި އޭޝިއާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުން ގިނަޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިޕްރޮގްރާމުގެ މަޤްޞަދަކީ ސަރަޙައްދީ ޤާނޫނުހަދާ މަޖިލިސްތަކުގެ ޤާބިލުކަން އިތުރުކުރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރުމެވެ. މީގެއިތުރުން މިޕްރޮގްރާމުގައި ޑަބިލިޔު.ޓީ.އޯއާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދީ، މިޖަމުޢިއްޔާއިން މިހާރުބަލަމުންދާ މައްސަލަތަކާއި، މުސްތަޤްބަލުގައި ކުރިމަތިވެދާނެ މައްސަލަތަށް ދެނެގަތުން ހިމެނެއެވެ.
މިއީ އޭޝިއާގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މެންބަރުންނަށް އަމާޒުކޮށް މިމަސައްކަތު ބައްދަލުވުން ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. 2011 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި މިމައްސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ.
24 ޖުމާދުލްއާޚިރު 1433
15 މެއި 2012