މޯލްޑިވްސް – ޗައިނާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންގެ ވަފްދެއް ޗައިނާއަށް ފުރާވަޑައިގެންފި

މޯލްޑިވްސް – ޗައިނާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންގެ ވަފްދެއް މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މިއީ މިމަހުގެ 20 ގެ ނިޔަލަށް ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ބާރަށު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޝިފާޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރަޝީދު، މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޠާރިޤް، ދުވާފަރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޒުބައިރު، ކުރެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މޫސާ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރަފީޤް ޙަސަން، ނައިފަރު ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު މުޙަންމަދު އެވެ. މީގެއިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު އާއި އެސިސްޓަންޓް ޕްރޮޓޮކޯލް އޮފިސަރ ނަހުޝާ ނާޞިރު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގައި މޯލްޑިވްސް – ޗައިނާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.

22 ޖުމާދުލްއާޚިރު 1433

13 މެއި 2012