ޕެޓިޝަން ކޮމިޓީގެ 02 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޕެޓިޝަން ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު މެންދުރުފަހު 14:35 ން 14:45 އަށް ބާއްވައިފި އެވެ.

މިބައްދަލުވުމުގައި އެސްޓީއޯ މާކެޓިންގ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ހުރިހާ ސްޓާފުން ސޮއިކޮށް މެނޭޖްމަންޓަށް ހުށަހެޅި ޕެޓިޝަނަކާއިގުޅިގެން، ސޮއިކުރި 13 ސްޓާފުންގެތެރެއިން 5 ސްޓާފަކު ވަޒީފާއިން ވަކިކޮށްފައިވާތީ ހުށަހަޅާފައިވާ ޕެޓިޝަނަކީ ޤަވާޢިދާއި ޚިލާފަށް ހުށަހެޅިފައިވާ ޕެޓިޝަނަކަށް ވާތީ އަލުން ޤަވާޢިދާ އެއްގޮތަށް ޕެޓިޝަން ހުށަހެޅުމަށް އެސް.ޓީ.އޯއަށް ހުށަހެޅުމަށް ނިންމެވިއެވެ. އެއަށްފަހު މެލޭޝިއާގައި ތިބޭ ދިވެހި ކިޔަވާ ކުދިން ހިންގާ އެމް.އެސް.އޭ.އެމް.ވައި ޖަމްޢިއްޔާ ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ދައުލަތުގެ ބަޖެޓުން ދެއްވުމަށް އެދި އެޖަމްޢިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި މެލޭޝިއާގެ އެމްބަސީއަށް ދަތުރެއް ކުރުމަށް ކޮމިޓީން ނިންމެވިއެވެ. މި ދަތުރުގައި ކޮމިޓީގައި ހިމެނިވަޑައިގެންނަވާ އެމް.ޑީ.ޕީ. މެންބަރަކާއި ، ޕީ.ޕީ.އެމް މެންބަރަކާއި ، ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އަދި ޑީ.އާރު.ޕީގެ މެންބަރެއް ބައިވެރިވަޑައިގެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޓީ ނިންމަވާލެއްވިއެވެ.

  މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފIޤް ޙަސަން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކުރެންދޫދާއިރާގެ މެންބަރު އަޙްމަދު މޫސާ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.

ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް އެވެ.

 

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012