“ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމާ ގުޅިގެން، އެކަމަށް މަރުޙަބާ ދަންނަވައި އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ސިޓީއެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގައި “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމާ ގުޅިގެން، އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް އެންޑާރޒް ބީ ޖޯންސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް މަރުޙަބާ ދަންނަވައި ސިޓީއެއް ފޮނުއްވައިފިއެވެ.

މިސިޓީގައި މިބިލު ފާސްވެގެންދިޔުމަކީ އަންހެނުންނާއި ކުޑަކުދިންނާމެދު ކުރެވޭ އިހުމާލުތަކާއި އަނިޔާއާ ދެކޮޅަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށް އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް ސިފަކުރައްވާފައިވެއެވެ. އަދި މިބިލު ފާސްކުރައްވަން ހުރިހާ ޕާޓީތަކެއް ގުޅިވަޑައިގެން ކުރެއްވި މަސައްކަތަށް އެ ސިޓީގައި ތައުރީފް ކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭން އެދިއްޖެނަމަ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި މަދަނީ ޖަމާއަތްތަކާއި މީޑިޔާގެ ފަރާތްތަކާ ގުޅިގެން މި ޤާނޫނަށް މީހުން އަހުލުވެރިކުރުމުގެގޮތުން ހަރަކާތްތަކެއް ހިންގުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަމަށް އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވެއެވެ.

“ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” ގެ ޑްރާފްޓިންގް މަރުހަލާގައި އައިޕީޔޫ އިން ވަނީ ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދެއްވާފައެވެ.

8 ޖުމާދަލްއާޚިރު 1433

29 އޭޕްރިލް 2012