އެފް.އޭ.އެސް.ޕީ.ޕީ.އީ.ޑީގެ 2 ވަނަ ޢާންމު ބައްދަލުވުމަގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ފުރާވަޑައިގަންނަވައިފި

30 އޭޕްރީލް 2012 ވާ ހޯމަދުވަހު، އީރާނުގެ ވެރިރަށް ތެޙެރާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފް.އޭ.އެސް.ޕީ.ޕީ.އީ.ޑީގެ 2 ވަނަ ޢާންމު ބައްދަލުވުމަގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް 26 އޭޕްރީލް 2012 ވީ ބުރާސްވަތިދުވަހު ފުރާވަޑައިގަންނަވައިފިއެވެ.

1 މެއި 2012 އާ ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމަގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރަޝީދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ރަޝީދު ބައިވެރިވެޑައިގަންނަވާނެއެވެ.

މިބައްދަލުވުމުގެ ސަބަބުން، އެކި ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކާއި، ތަޢުލީމީ ދާއިރާގައި އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އިތުރަށް ގުޅުންބަދަހިވެގެން ދިޔުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އަދި 2012 ން 2014 ގެ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވެސް އެފް.އޭ.އެސް.ޕީ.ޕީ.އީ.ޑީ ގެ މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވެއެވެ.

މިވަފުދުގެ ބޭފުޅުން، 28 އޭޕްރީލް 2012 ގައި “ލެޖިސްލޭޝަން ފޯރ ޕްރޮމޯޓިންގ ލައިފް ލޯންގް ލާރނިންގް ފޯ ޕާލިމަންޓަރީ މެމްބަރސް އޮފް އެފް.އޭ.އެސް.ޕީ.ޕީ.އީ.ޑީ މެމްބަރ ސްޓޭޓްސް އިން ސައުތް އެންޑް ވެސްޓް އޭޝިއާ”ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައިވެސް  ބައިވެރިވެވަޑައިގެންަފައެވެ.

8 ޖުމާދަލްއާޚިރު 1433

29 އޭޕްރިލް 2012