ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އަލްއުސްތާޛު އަޙުމަދު މުޙަންމަދު ގެ ނަންފުޅު މަޖިލީހުގެ އިއްތިފާގުން ފާސްކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި ޤާނުނުއަސާސީގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއިބެހޭ ކަންތައްތައް ހަމަޖައްސައި، ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީ މަސަައްކަތްތައް ރާވައި ހިންގުމަށާއި، މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އެމީހުންގެ މަސައްކަތުގައި އެހީތެރިވުމަށް މަޖިލީހުން ޢައްޔަންކުރަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް ކުރިންވެސް އެމަޤާމުގައި ހުންނެވި ގ.ސިކަންދަރުގެ އަލްއުސްތާޛު އަޙުމަދު މުޙަންމަދުގެ ނަންފުޅު އެވަގުތު ޖަލްސާއަށް ހާާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ (67 މެންބަރުން) މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، “ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު” ގެ ނަމުގައި ގަވާއިދެއް ފާސްކޮށްދެއްވުން އެދި ޤަރާރެއް ހުށަހަޅުއްވާފައިވެއެވެ. މިޤަރާރު މަޖިލީހަސް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ. މިޤަރާރުގެ ހުށަހެޅުއްވުމުގެ ބޭނުންފުޅާއި ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މަޤާމަށް ޤާބިލު ބަޔަކަށްވުމުގެ އިތުރުން އެ މަޤާމުގެ ޙުރުމަތް ހިފެހެއްޓޭ ފަދަ ސުލޫކެއްގެ ވެރި ބަޔަކަށް ވުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަދަރު ބިނާވެގެން ވަނީ އެ މަޖިލީހުގެ މެންބަރުންގެ ސުލޫކުގެ ރިވެތިކަމުގެ މައްޗަށްކަމާއި، އަދި ދުނިޔޭގެ ގިނަ ޤާނޫނު ހަދާ މަޖިލިސް ތަކުގައިވެސް އެ މަޖިލިސްތަކުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކެއް އެކަށައަޅާ އެ މިންގަނޑުތަކަށް ތަބާވުން ލާޒިމުކޮށް، އެ މިންގަނޑު ތެރެއިން މިންގަނޑަކާ ޚިލާފު ވާހިނދު ފިޔަވަޅު އެޅޭނެ ނިޒާމެއް އެ މަޖިލިސްތަކުގެ ނިޒާމުގެ ތެރޭގައި އެކަށައަޅާ ހިންގަމުންދާއިރު، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ޙަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު މަޖިލީހުން ރިޢާޔަތް ކޮށްދެއްވާ، އެ ގަވާއިދަކީ އަސާސެއް ކަމުގައި ބައްލަވާ ދެއްވާ، ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ ނަމުގައި ގަވާއިދެއް ރައްޔިތުންގެ މަޖިލީހުގެ 3/2 ގެ އަޣުލަބިއްޔަތުން ފާސްކޮށްދެއްވުމަށް އެދިވަޑަިގެންނެވިއެވެ. އަދި މިޤަރާރުގެ އިބްތިދާއީ ބަހުސްވަނީ މިއަދުގެ ޖަލްސާގައި ނިންމަވާލައްފާއެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށްޓަކައި 2009 ވަނަ އަހަރު އެމް.ޑަބްލިޔު.އެސް.ސީ އަށް ލައިސަންސް ދީފައިވާއިރު، މިމަސައްކަތް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯއާއި، މިމަސައްކަތުގެ ޢަމަލީ މަަސައްކަތް ފަށްޓަވާނީ ކިހާތާކުތޯ އަދި މިމަޝްރޫޢުގެ ޑިޒައިނާއި ޑީޓޭލް ޑްރޯވިންގ ނިމިފައިވާއިރު، އައި.ޑީ.ބީ ލޯން އެހީގައި ލިބިފައިވާ ފައިސާއިން މުޅި ޕްރޮޖެކްޓް ނިންމާލެވޭނެތޯ އޮޅުންފިލުވުމުގެ ގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުހަންމަދު އަސްލަމާ ކުރައްވާ ސުވާލުކުރެއްވުންއޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި 10 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ، މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރުންނަށް ފޮނުއްވައިފައިވާ ބިލުތަކާއި މައްސަލަތައް ފޮނުވިތާ 7 ދުވަސް ހަމަވެފައިނުވާތީ މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސްކުރުމަށް އެއްވެސް ބިލެއް އަދި މައްސަލައެއް ނެތުމުން މާދަމާގެ ޖަލްސާ ނޯންނާނެކަމަށާއި، ނަމަވެސް މުޅި މަޖިލިސް ކޮމެޓީގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިލުތަކުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދަވާނެކަމަށެވެ.

68 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްއެވެ.