ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ޤާނޫނީ ހުވައި ހ. ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ޤާނޫނީ ހުވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 126 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހ. ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިއަދު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިން އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމް ހުސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މުއްދަތުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަގާމު ފުރާނެ މީހަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން 7 ފެބްރުއަރީ 2012 ވީ އަންގާރަދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމް ހުސްވެފައި ވުމާއެކު އެ މަޤާމް އަށް ޢައްޔަންކުރެއްވުމަށް ހ. ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 16 ފެބްރުއަރީ 2012 ގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ޢައްޔަންކުރާ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމް އަށް ހ. ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގަތެވެ.

4 ޖުމާދަލްއާޚިރު 1433

25 އޭޕްރިލް 2012