ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު، ސުލޫކު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އެއްސެވުން ފަސްކުރައްވައިފި

މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު، ސުލޫކު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އެއްސެވުމަށް ހަމަޖެހިފައިވީނަމަވެސް، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) (2) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާ ގުޅޭ އުޞޫލުތައް މަޖިލީހުގެ ގަވާއިދުގައި ހިމެނިދާނެކަމަށާއި އަދި، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެކަމަށް ބަޔާންކުރާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތު ހާޒިރުވެފައިނުވާތީ ރިޕޯޓަށް ވޯޓަށް އެހުން ރިޔާސަތުން ފަސްކުރައްވައިފިއެވެ.

ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް މިއަދު ހާޒިރުވެވަޑައިގެންފައިވަނީ 46 މެންބަރުންކަމަށާއި، ވޯޓަށް އެއްސެވުން މަޖިލީހުގެ ތިންބައިކުޅަދެބައި ކަމުގައިވާ 52 ބޭނުންވާކަމަށެވެ.

މިއަދުގެ ޖަލްސާގައި މިރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ސުލޫކު ކޮމިޓީގެ ނާއިބު މުޤައްރިރު ވެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙަންމަދު އެވެ. މިރިޕޯޓުގެ ބަހުސްގެ މަރުހަލާގައި ޖުމްލަ 8 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

4 ޖުމާދަލްއާޚިރު 1433

25 އޭޕްރިލް 2012