މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ 14 ބޭފުޅުންގެ ނަންފުޅަށް ވަކި ވަކިން ވޯޓަށް އައްސަވައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަކަމަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިގޮތުން މިއަދުގެ ޖަލްސާގައި ރުހުން ދިނުމަށް ފެންނަކަމަށް 45 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވާފައިވާ ބޭފުޅުންނަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޏ.ފުވައްމުލައް/ދޫޑިގަން އީސްޓްލައިޓް، ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ސީނުކަރަންކާގެ، އަލްފާޟިލް މުޙަންމަދު ނާޒިމް، އެޓަރނީ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. ވެހެލި، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ.އުފާ، އަލްފާޟިލް އަޙްމަދު މުޙަންމަދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގއ.ދެއްވަދޫ/މާވެޔޮދަށުގެ، ޑޮކްޓަރ އަޙްމަދު ޝަމްހީދު، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ކޮތަންމާގެ، އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ސާމަރާ، އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގއ.މާމެންދޫ/ސަޢީދުމަންޒިލް، އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ދިމްޔާތު، ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެނޑް ޓްރެޜަރީކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ދަފްތަރު ނަންބަރު 1015، އަލްފާޟިލް ޢަބްދުﷲ ޖިހާދު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހއ.އިހަވަންދޫ/ވައިޖެހޭގެ، އަލްފާޟިލް އަޙްމަދު ޝަފީޢުއެވެ.
އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ހުވަދޫ، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ގެ ނަންފުޅު އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ ޢިއްތިފާޤުންވަނީ ފާސްކުރައްވާފައެވެ. މި ވޯޓުގައި 1 މެންބަރަކު ވަކިފަރާތަށް ވޯޓުދެއްވާފެއެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 14 ބޭފުޅުންގެ ނަންފުޅު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމުން އެބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވުމަށްފަހު މިކަން ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވެވީ، 2 އޭޕްރީލް 2012 ގައި އޮތް މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި މިމައްސަލައިގެ ރިޕޯޓް މިއަދު ހުށަހަޅުއްވައިދެއްވައިނިމުމުން، ރިޕޯޓަށް ބަހުސްކުރެއްވުމަށް މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ހުޅުވާލެއްވި ފުރުޞަތުގައި 6 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
4 ޖުމާދަލްއާޚިރު 1433
25 އޭޕްރިލް 2012