“އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު” ކޮމިޓީއިން ނިންމެވި ގޮތަށް މަޖިލީހުން ފާސްވެއްޖެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި، “އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު” ދިރާސާކުރައްވާ، އިޤްތިޞާދީ ކޮމިޓީން އެކުލަވާލެއްވި ރިޕޯޓް ހުށަހެޅުއްވި ގޮތަށް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.

     އިޤްތިޞާދީ ކޮމިޓީން މި ބިލުގެ މަސައްކަތް ނިންމެވުމަށްފަހު މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުޤައްރިރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ. ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި މި ބިލަށް ބަޙުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

“އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު” ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއެވެ. މި ބިލު އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން 02 އޯގަސްޓް 2011 ވަނަ ދުވަހު އޮތް އެ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.