މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަން ނިންމަވާފައިވާ ހ. ޑީންސްވިލާ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު އެވަގުތު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަން ނިންމަވާފައިވާ ނަންފުޅު މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ އެކޮމިޓީގެ މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒްއެވެ. އެއަށްފަހު މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި 6 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
4 ޖުމާދަލްއާޚިރު 1433
25 އޭޕްރިލް 2012