އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ ސަރުކާރުން ދެއްވުމާގުޅިގެން ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއެކު ހުށަހެޅުއްވި ޤަރާރު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި، އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ ސަރުކާރުން ދެއްވުމާގުޅިގެން ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއެކު ހުށަހެޅުއްވި ޤަރާރު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ޢިއްތިފާޤުންނެވެ.

މިމައްސަލައަކީ އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ ދަތުރުތައް ފެށުމުގެ ހުއްދަ ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި، ޅ. އަތޮޅު ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތަކެއްކުރައްވާ ކަމުގެ ތުހުމަތުތަކާއި، ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން 7 ޑިސެމްބަރ 2011 ގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައެކެވެ. މިމައްސަލައިގެ ރިޕޯޓް ޤައުމީ ސަލާމަތުގެ ކޮމިޓީން މަޖިލީހަށް ހުށަހަޅުއްވަފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައެވެ. އަދި މިމައްސަލައަށް ޖުމްލަ 15 މެންބަރުން ވާހަކދައްކަވާފައިވެއެވެ.

 

4 ޖުމާދަލްއާޚިރު 1433

25 އޭޕްރިލް 2012