ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދު 13:45 ން 14:00 ބާއްވައިފިއެވެ. މިބައްދަލުވުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަދަން ލާޒިމްކުރާ ގަވާއިދުތައް އެޓާނީ ޖެނެރަލްގެ އޮފީހުން ނުހައްދަވާ ހުރުމުގެ ސަބަބުން އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ ގޮތުން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްއާ ބައްދަލުކުރެއްވިއެވެ. 20 ނޮވެމްބަރ 2011 ގައި ގަވާއިދު ގެޒެޓް ކުރެވިފައިވާތީ ކޮމިޓީން ނިންމެވީ މިމައްސަލައާ ގުޅޭގޮތުން ރިޕޯޓް އެކުލަވާލުމުގެ ބަދަލުގައި މައްސަލަ ހުށަހެޅުއްވި ފަރާތަށް ސިޓީއަކުން ޖަވާބު އެރުވުމަށެވެ. މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އެވެ. ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ އަދި ގެމަނަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އިލްހާމް އަޙްމަދު އެވެ.
3 ޖުމާދަލްއާޚިރު 1433
24 އޭޕްރިލް 2012