މާލިއްޔަތު ކޮމިޓީގެ 16 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު 9:40 ން 10:30 ށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.  އެއޮޑިޓް ރިޕޯޓްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށްކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ދެކޭ ކަންތައްތަކުގެ ތެރެއިން 4 ވަނަ ނުކުތާގައިވާ ” ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އާންމުކޮށް އިޢްލާން ނުކޮށް މެޑިކަލް ކޮންސިއުމަބަލްސް ގަނެފައިވުން” މައްސަލަ އާއި ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓް، “މެޑިކަލް އަދި ލެބޯރިޓީ ކޮންސިއުމަބަލްސް ސަޕްލައިކޮށްދިނުމަށް 2010 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސަޕްލައިކޮށްދޭންޖެހޭ މުދާ ސަޕްލައިކޮށްނުދީ ފައިސާ ނަގާފައިވާ މައްސަލައިގެ ޚާއްސަ އޮޑިޓް ރިޕޯޓް” ކޮމިޓީއަށް ލިބިފައިވުމާއިއެކު މިދެ އޮޑިޓް ރިޕޯޓަކީ ގުޅުންހުރި ދެ ރިޕޯޓަށްވުމުން ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތާއި ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. އެގޮތުން  ދެ އޮޑިޓް ރިޕޯޓްގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ތާއީދުކުރެއްވިއެވެ. އަދި ދެ ރިޕޯޓުގެ މަސައްކަތް ވަކި ވަކިން ގެންދުއުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުށަހެޅުއްވުމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ތާއީދުކުރެއްވުމާއި ގުޅިގެން މި ދެ ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން ފުރަތަމަ ހުށަހެޅުމަށް ވޯޓުދެއްވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ. އަދި ދެވަނަ ހުށަހެޅުމަށް ވޯޓް ދެއްވީ  ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެވެ. ދެހުށަހެޅުމަށް އެއްވަރަކަށް ވޯޓް ލިބިފައިވުމާއިއެކު ކޮމިޓީގެ މުޤައްރިރު ވޯޓު ދެއްވާފައިވަނީ ފުރަތަމަ ހުށަހެޅުމަށެވެ. އެހެންކަމުން ދެ ރިޕޯޓްގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އަދި ދެ ރިޕޯޓާއި މެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ.

3 ޖުމާދަލްއާޚިރު 1433

24 އޭޕްރިލް 2012