ޗައިނާގެ ސިޔާސީ ޕާރޓީތަކުގެ މަޝްވަރާއާބެހޭ މުއައްސަސާކަމުގައިވާ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ގެއަށް ޒިޔާރަތްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނާގެ ސިޔާސީ ޕާރޓީތަކުގެ މަޝްވަރާއާބެހޭ މުއައްސަސާކަމުގައިވާ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މރ. ސުން ޖައިޒެންގ ((H.E.Mr.Sun Jiazhen އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް 11 ބޭފުޅުންގެ ވަފުދެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

މިއަދު ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ގެ ވައިސް ޗެއަރމަން މަޖިލީހުގެ ގެއަށް މިކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ރައީސްއާއި ބައެއް މެންބަރުންނާއިއެކު ރަސްމީ މަޝްވަރާތައް ބޭއްވުނެވެ. މި މަޝްވަރާތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދު އޮތީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، ޗައިނާއަކީީ ރާއްޖެއަށް ވަރަށް ގިނަ ދާއިރާތަކުން އެހީތެރިކަން ވެދެއްވަމުން ގެންދަވާ އެކުވެރި ޤަައުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް މަޖިލީހުގެ ދާއިރާއިންވެސް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ޗައިނާގެ ވަފުދަށް އެރުވިއެވެ.

މިގޮތުން ދެއްކެވި ވާހަކަފުޅުގައި އަލަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީހަކީ، އައު ޤާނޫނުއަސާސީގެ ދަށުން ހުރިހާ މެންބަރުން ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވުނު މަޖިލީހެއްކަމާއި، މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދެވެނީ މިދިޔަ މާޗްމަހު ފާސްކުރެވިފައިވާ އައު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމުގައި ބަޔާންކުރެއްވެވިއެވެ. ޤާނޫނުހަދާމަޖިލިސްތަކުގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާއިދެމެދު ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މަޖިލީހުގައި އުފެދިފައިވާ “މޯލްޑިވްސް-ޗައިނާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް” ގެ މައްޗަށް އަލިއަޅުވާލައްވައި މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ގެ ވައިސް ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެރުވިއެވެ. އަދި ރާއްޖެއަކީ ބައިނަލް އަޤްވާމީ ދާއިރާގައިވެސް ޗައިނާއާއި ވަރަށް ގާތްގުޅުންތަކެއް ބަހައްޓަމުންގެންދާ ޤައުމެއްކަން ޗައިނާ ސަރުކާރުން ފާހަގަކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. ޗައިނާއިން އަބަދުވެސް އުންމީދުކުރަނީ ރާއްޖެއާދެމެދު އޮންނަ ގުޅުންތައް ހުރިހާ ދާއިރާއެއްގައިވެސް ބަދަހިވެ ކުރިއެރުންކަމުގައި ކަމަށް މރ. ސުން ޖައިޒެންގ ވިދާޅުވިއެވެ. ރާއްޖެއަށް ރަސްމީދަތުރެއް ކުރެއްވުމަށް އެމަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ޝުކުރުއަދާކުރެއްވެވިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙަންމަދު އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ ހުޅުހެންވޭރުދާއިރާގެ މެންބަރުން އަލްފާޟިލް މޫސާ މަނިކާއި ދިވެހި ޤައުމީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ ވިލުފުށި ދާއިރާގެ މެންބަރ އަލްފާޟިލް ރިޔާޟް ރަޝީދު އަދި މޯލްޑިވްސް-ޗައިނާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މރ. ސުން ޖައިޒެންގ ރާއްޖެއަށް މިކުރެއްވާ ޒިޔާރަތުގައި އެމަނިކުފާނުގެ ޝަރަފުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދެއްވި މެންދުރުގެ ފަރިއްކޮޅެއް މިއަދު ހޮލިޑޭ އިން މާލޭގައި އޮތެވެ. އަދި މިއަދު މެންދުރުފަހު ހުޅުމާލެ ބައްލަވާލެއްވުމަށް ޗައިނާގެ ވަފުދުގެ ބޭފުޅުން ޒިޔާރަތް ކުރެއްވެވިއެވެ.

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ގެ ވައިސް ޗެއަރމަން ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މާލޭގެ ވައިގެ ބަދަރުން އިސްތިޣުބާލުކުރައްވާ މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙަންމަދެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދާމާ (25 އޭޕްރީލް 2010) ވާ ހޯމަދުވަހުއެވެ.