“ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު” މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު މިދައުރުގެ 12 ވަނަ ޖަލްސާގައި، “ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު” މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާހުތަކާއެކު، އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ.

“ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު” ސަރުކާރުން ފޮނުއްވުމާ ގުޅިގެން، 20 ޖޫން 2011 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުން އިއްވަވައި، 13 ޖުލައި 2011 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގަ ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ، ބިލު ހުށަހެޅުއްވުމާއި ގުޅިގެން 18 ޖުލައި 2011 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ބިލު ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކުޑަ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

 19 ޑިސެމްބަރ 2011 ވަނަ ދުވަހު މުޅިމަޖިލީހުގެ ކުޑަކޮމިޓީން ބިލުގެ މަސައްކަތް ފުރިހަމަ ކުރައްވައި، 20 ޑިސެމްބަރ 2011 ވަނަ ދުވަހު، މުޅިމަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، މުޅިމަޖިލީހުގެ ކޮމިޓީގައި މިމައްސަލަ 27 ޑިސެމްބަރ 2011 ވަނަ ދުވަހު އެޖެންޑާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުރިޔަށް ގެންގޮސް، 27 ޑިސެމްބަރ 2011 ވީ އަންގާރަދުވަހު ބޭއްވުނު މުޅިމަޖިލީހުގެ ކޮމިޓީން، ބިލުގެ މަސައްކަތް ނިންމަވާފައިވާ ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިދެއްވައި ނިމުމުން، މިރިޕޯޓަށް 12 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

3 ޖުމާދަލްއާޚިރު 1433

24 އޭޕްރިލް 2012