މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު މިދައުރުގެ 12 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފެންނަކަމަށް 20 މެންބަރުން ވޯޓުދެއްވައިގެންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 17 މެންބަރުން ވޯޓުދެއްވާފައިވާއިރު ވަކިއަތަކަށް ޖެހިވަޑައި ނުގެން 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލުތަކާއި އެކިއެކި ކަންކަމަށް ބަހުސްކުރުމަށް ޕާޓީތަކުގެ މެންބަރުންނަށް ވަގުތު އިތުރުކޮށް މަދުކުރެވޭ ފަދައިން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް ވެސް އެމެންބަރަކަށް ލިބިފައިވާ ވަގުތު އަނެއް މެންބަރަކަށް ދޫކޮށްލުމުން ނުވަތަ ދިނުމުން އެވަގުތު އެމެންބަރަކަށް ބޭނުންކުރެވޭނެ ގޮތަށް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ އިޞްލާޙަކީ، ރ1 ޑިސެމްބަރ 2010 ގައި ހުށަހެޅުއްވި އިޞްލާޙެކެވެ. އަދި ރައްޔިތިންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތީން މިއިޞްލާޙު ޢާންމުކޮމިޓީން ދިރާސާ ކުރައްވަން ފެށްޓެވީ 14 މާޗް 2011 ވަނަ ދުވަހު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމުގައެވެ. އަދި ޢާންމު ކޮމިޓީން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވާފައިވަނީ 2012 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދިހަވަނަ ޖަލްސާގައެވެ. ޢާންމު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، މިއިޞްލާޙް ގަވައިދަށް އިތުރުކޮށްފިނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، އެއިޞްލާޙް މަޖިލީހުގެ ގަވައިދުގައި ހިމެނުމަށް ފާސްކުރުމަށް ނުފެންނަކަމަށެވެ.
3 ޖުމާދަލްއާޚިރު 1433
24 އޭޕްރިލް 2012